Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ޔާމީން ޖަލުގައި ހުުރުމުން ޕާޓީއާ ގުޅޭ މެމްބަރުން ދަނީ އިތުރުވަމުން: ޕީޕީއެމް

ޔާމީން އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރު ދެއްވަނީ - ފޮޓޯ: ޓްވިޓާ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނުހައްޤުން ޖަލުގައި ހުރުމުން ޕާޓީއަށް ގުޅެމުން އަންނަ މެމްބަރުންގެ އަދަދު އިތުރު ވަމުން އަންނަކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ބުނެފިއެވެ.

ޕީޕީއެމްއިން އެޕާޓީއަށް 10 އަހަރު ފުުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕާޓީގެ ކާމިޔާބީ ތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ ރައީސް ޔާމީން ޙައްޤުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުމެގެ ސަބަބުން ކަމަށެވެ.

ރައިސް ޔާމީނަށް ދެމުންގެންދާ އަނިޔާތަކާ ދެކޮޅަށް ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކޮށްފައިވާކަން ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ، ނުހައްޤުން ރައީސް ޔާމީން ޖަލުގައި ހުރުމުން ޕާޓީއަށް ގުޅޭ މެމްބަރުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށެވެ.

"އަދި އެމަނިކުފާނު ޖަލަށްލާފައިވަނީ ޙައްޤު ނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ކަން އެމަނިކުފާނުގެ ޝާރީޢަތްތައް ކުރިއަށް ގޮސްފައިވާ ގޮތް އަޑުއެހި ކޮންމެ ރައްޔިތަކުވެސް މިއަދު ޤަބޫލުކުރެއެވެ. އެހެންކަމުން، ޕާޓީގެ ފަރާތުން އިންތިޒާމު ކުރާ ކަންކަމުގައި ބައިވެރިވާ ދިވެހި ލޮބުވެތި ރައްޔިތުންގެ ޢަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެއާއެކު ޕާޓީއާއި ގުޅެމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

މީގެއިތުރުންވެސް ބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ކޮންމެ މެންބަރެއްގެވެސް ދުއާއަކީ ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވެ، ޖަލުން މިނިވަންވެ 2023 ވަނަ އަހަރު މިޤައުމުގެ ވަލީޔުލްޢަމްރުގެ މަޤާމަށް އަލުން އަނބުރާ އެމަނިކުފާނު ވަޑައިންނެވުން ކަމަށެވެ.