އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުސް މީހާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިލިޕިންސް ފިރިހެނެކެވެ.
އޮކްޓޯބަރު 19 ވަނަ ދުވަހު ހިނގި މި ހާދިސާގައި އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވުމާ ގުޅިގެން ފުލުހުން ވަނީ އެކަން އިތުރަށް ބަލަން ފަށާފައެވެ. އަދި އެ އަންހެންމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މަރުވެފައިވާ އަންހެން މީހާއާއި އޭނާގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތްކުރަމުން އައި ދެމީހުންނެވެ.
އެ އަންހެންމީހާގެ ފިރިމީހާ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ އަންހެންމީހާގެ މަރާ ގުޅޭގޮތުން އެ ފިރިހެންމީހާ ދެގޮތަކަށް ވާހަކަ ދައްކާފައިވާކަމަށާއި، އެގޮތުން އޭނާ ދަންޖެހިގެން މަރުވީ ކަމަށް އެއްފަހަރު ބުނިއިރު އޭނާ މަރުވީ ނޭވާ ހާސްވެގެން ކުއްލި އަކަށްކަމަށްވެސް ބުނެފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.