Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ފޭރުނު މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

ހިތަދޫގެ ހަތަރު ގެއަކަށް މޫނު ނިވާކޮށްގެން ވަދެ ބިރު ދައްކާ ފޭރުނު މައްސަލާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރާއި 34 އަހަރާއި 31 އަހަރުގެ 3 ފިރިހެނުންނެވެ. މި 3 މީހުން ވަނީ އެރޭ ތަފާތު ވަގުތުތަކުގައި ހިތަދޫގެ 4 ގެއަކަށް ވަދެ ފޯނާއި ފައިސާ ފޭރިފައިވެއެވެ.

ހައްޔަރުކުރި 3 މީހުންގެ ތެރެއިން 32 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހުގެ ރޭ 10:45 ހާއިރުއެވެ.

އަދި 34 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ފުލުހުން ފުޓް ޕެޓްރޯލް ކުރަމުންދަނިކޮށް ވައްކަން ކޮށްގެން އުޅޭކަމުގެ ތުހުމަތު ކުރެވިގެން ހުއްޓުވާ ބަލާފާސްކުރުމުގައެވެ.

އެމީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ ފަތިހު 04:00 ހާއިރު އެވެ.

މި ދެ މީހުންގެ ތެރެއިން 34 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައި ވެއެވެ. މި މީހުން އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކާށިގޯންޏެއް ވެސް ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.