ބާސެލޯނާގެ ކޯޗުކަމުން ރޮނަލްޑް ކޫމަން ވަކިކޮށްފި އެވެ.
ބާސާގެ ކޯޗުކަމުން ކޫމަން ވަކިކުރީ ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބާސާ ބަލިވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ރޭގެ މެޗުން ބަލިވުމުން ބާސާ މިހާރު އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ.
ރޭގެ މެޗަކީ ބާސާ އިން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.
ބާސާގެ ކޯޗުކަމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ބާސާ މިދިޔަ ސީޒަން ނިންމާލީ ލީގުގެ ތިންވަނައިގައި އޮވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސާގެ ކޯޗުކަމާ ހަވާލުވުން ދެން އެންމެ ގާތީ އެ ކްލަބަށް ކުރިން ކުޅެދިން ޒަވީ ހަނާންޑޭޒް އެވެ. ޒަވީ މިވަގުތު ހުރީ ގަތަރުގެ އަލް ސާދްގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނަމަވެސް ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ބާސާ އަށް އާ ކޯޗެއް ހަމަޖެއްސުން ދުރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ބާސާ އިން ކުޅޭ ތިން މެޗުގައި ޓީމަށް އިރުޝާދު ދިނުން ގާތީ އެ ކްލަބުގެ ބީ ޓީމުގެ ކޯޗެވެ.