130 ލޯކަލް ކައުންސިލު އޮޑިޓު ކުރާނެ އޮޑިޓު ފާރމްތައް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓް ކުރަންޖެހޭ 130 ލޯކަލް ކައުންސިލެއްގެ 2019 އަދި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްދޭނެ، އޮޑިޓް ފަރމްތައް ބޭނުން ވެފައިވާކަމަށެވެ.
އޮޑިޓް އޮފީހުގެ އިއުލާނުގައި ވާގޮތުން އޮޑިޓް އޮފީހުން، އޮޑިޓް ކުރަން ހަމަޖެހިފައިވާ 130 ކައުންސިލް ބަހާފައިވަނީ ދެ ބަޔަކަށެވެ. ދެ ބައިންކުރެ ފުރަތަމަ ބައި 7 ގްރޫޕަކަށް އަދި ދެވަނަ ބައި 3 ގްރޫޕަކަށް ބަހާފައިވާނެ ކަމަށާއި އެއީ، 10 އޮޑިޓުގެ 7 ގުރޫޕް އަދި 20 އޮޑިޓުގެ 3 ގުރޫޕް ކަމަށް އޮޑިޓް އޮފީހުން މައުލޫމާތުދެއެވެ. ކައުންސިލް އޮޑިޓުކުރުމަށް އެދި ބީލަން ހުށަހެޅޭނީ އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، އޮޑިޓުތައް ބަހާފައިވާ 2 ބައިންކުރެ ކޮންމެވެސް އެއް ބަޔަކަށް ކަމަށްވެސް ބުނެފައިވެއެވެ.
މިކަމަށް ކުރިމަތި ލެވޭނީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ލައިސަންސް ދޫކޮށްފައިވާ ފަރމްތަކަށް ކަމަށްވެސް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ނޮވެމްބަރ 10 ވާ ބުދަ ދުވަހުގެ 14:00 އަށް އޮޑިޓް އޮފީހަށް ވަޑައިގެން މައުލޫމާތު އޮޅުންފިލުއްވުމަށްފަހު، ނޮވެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށާއި އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން މަޢުލޫމާތު ހޯދުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.