މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ ކަމަށެވެ. އެގޮތުން އެ ދެ ދަރިންނާއި ބައްދަލުކުރަން ކެތްމަދުވެފައިވާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ އަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި ރޮނާލްޑޯ އަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2010 ވަނަ އަހަރު އެވެ. އެގޮތުން ކްރިސްޓިއާނޯ ޖޫނިއާ އަކީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ރޮނާލްޑޯ އަށް ލިބުނު ކުއްޖެކެވެ.
އޭގެފަހުން 2017 ވަނަ އަހަރުގެ ޖޫން މަހު ރޮނާލްޑޯ އަށް ވަނީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް އެއްމާބަނޑު ދެ ކުދިން ވެސް ލިބިފައެވެ. 2017 ވަނަ އަހަރު ރޮނާލްޑޯ ވަނީ ހަތް ކުދިން ބޭނުންވާ ކަމަށް ބުނެފައެވެ.
ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.