Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

"އަލްހާނަށް އެއްވެސް އެހީއެއް ނުވަން"

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީގެ ކެމްޕޭނަށް ހެޕީމާކެޓް މުހައްމަދު ނައީމު އެހީތެރިވާ ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ނައީމްގެ ގާތްފަރާތަކުން ބުނީ ރޭ ޓްރޭޑާސް ހޮޓަލުގައި އަލްހާންގެ ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކެމްޕޭނަށް ނައީމު އެހީތެރިވާ ކަމަށް ވާހަކަ ދެއްކީ ނައީމް ގެ ނަން ބޭނުންކޮށްގެން ވެސް ވޯޓެއް ލިބިދާނެކަމުގެ ކުށް ހީގައި ކަމަށެވެ. އަދި އެގޮތަށް އަލްހާން ކިތައްމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އެހީއެއްް އަލްހާނަކަށް ނޯންނާނެކަމަށް ނައީމް ވަނީ ވިދާޅުވެ ފައެވެ.

ނައީމްގެ އަރިސް ބޭފުޅާ ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ އަލްހާން މަސައްކަތް ކުރައްވަނީ އެކި މީހުންގެ ނަން ބޭނުންކޮށްގެން ވޯޓު ހޯދުމަށާއި އަދި ބައެއް ފަރާތްތައް ބެލުމެއް ނެތި ސިޔާސީ ގޮތުން ކަތިލުމަށް ކަމަށެވެ.

އަލްހާންގެ ވާހަކަ އާއި ގުޅިގެން ނައީމްގެ ފަރާތުންވަނީ އެއަށް ރައްދުދެއްވައި ނޫސް ބަޔާނެއް ނެރެފައެވެ.

ނައީމްގެ ފަރާތުން މިއަދު ނެރުނު ބަޔާންގައި ވަނީ "އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ނުވަތަ އަޅުގަނޑުގެ ކުންފުންޏެއް މެދުވެރިކޮށް ނަމަވެސް އެއްވެސް ފައިސާގެ އެހީތެރިކަމެއް އަލްހާން ފަހުމީގެ ކެމްޕެއިނަށް ފޯރުކޮށްދީފައެއް ނުވާނެ އެވެ" ނައީމު ނެރުއްވި ކުރު ބަޔާނުގައިވެ އެވެ. "އަދި ހަމަ އެހެންމެ، އެނޫން އެހެން ބާވަތެއްގެ އެހީތެރިކަމެއް ވެސް ރަސްމީ ހައިސިއްޔަތަކުން ނުވަތަ އެ ނޫން ވެސް ހައިސިއްޔަތަކުން ވެސް ވެދީފައެއް ނުވާނެ އެވެ."

ނައީމު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރަންވަމުން ގެންދަވާ ބޭފުޅެއްގެ ފަރާތުން އަދި ކުރިމަގުގައި އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވަން ގަސްތު ކުރައްވާ އަލްހާންގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރު ކަމެއް ނެތް ކަމެއް އަމަލެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ނައީމާ ދޭތެރޭ ދެކޭ ގޮތަށް އުނިކަން އައިސް، އޭނާގެ އަމިއްލަ ފަރުދީ ހައްގަށާއި ނަމަށް އުނިކަން ލިބިފައިވާ ކަމަށެވެ.

ރޭ ޓްރޭޑާސް ހޮޓަލުގައި އޮތް ބައްދަލުވުމުގައި އަލްހާން ވިދާޅުވީ އައްޑޫ ސިޓީގެ ވަރަށް ގިނަ ވިޔަފާރިވެރިން އޭނާގެ ކެމްޕޭނަށް ފައިސާގެ އެހީވާ ކަމަށާއި އޭގެ ތެރޭގައި ހެޕީމާކެޓް ނައީމު ވެސް ހިމެނޭ ކަމަށެވެ.