Last Updated: December 2, 22:38
Thursday, December 2, 2021
ދުނިޔެ

ކޮޕް26 ސަމިޓުގައި ބައިވެރިވާން ދައުވަތެއް ނުލިބޭ: ގްރެޓާ ތަންބާގް

ކޮޕް26 ސަމިޓުގައި ބައިވެރިވާން ދައުވަތު ނުލިބޭކަމަށް ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތަންބާގް ބުނެފިއެވެ.

ގްރެޓާ މިހެން ބުނެފައިވަނީ ސްކައި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ކްލައިމެޓް ޗޭންޖާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ގްރެޓާ ބުނީ އޭނައަށް ދައުވަތު ނުލިބުނީ "ރެޑިކަލް" ޒުވާނުންގެ ބަސް އަޑުއަހަން ދުނިޔޭގެ ލީޑަރުން ބޭނުންނުވާތީ ކަމަށެވެ. އަދި ގްރެޓާ ފަދަ ކްލައިމެޓް އެކްޓިވިސްޓުން ދެކެ ދުނިޔޭގެ ލީޑަރުން ބިރުގަންނާތީ ކަމަށްވެސް ގްރެޓާ ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ކްލައިމެޓް ޗޭންޖާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް ގްރެޓާ ބުނީ އިނގިރޭސިންގެ މަސައްކަތް ދުނިޔޭގެ އެހެން ގައުމުތަކުން ނަމޫނާގެ ގޮތުގައި ބަލަންޖެހޭކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތް މިހާރު ސިފަވަނީ ކްލައިމެޓް ވިލަނުންގެ ގޮތުގައި ކަމަށްވެސް ގްރެޓާ ވަނީ ބުނެފައެވެ.

ގްރެޓާ ވަނީ މި ސަމިޓު ފަސްކުރުމަށް މީގެ ކުރިން ގޮވާލާފައެވެ. ނަމަވެސް އެއްވެސް ރަސްމީ ދައުވަތެއް ނުލިބި، ގްރެޓާ ވަނީ މި ސަމިޓަށް ދިއުމަށްޓަކައި ލަންޑަނުން ސްކޮޓްލެންޑަށް ދަތުރުކޮށްފައެވެ. އަދި ސްކޮޓްލެންޑުގައި ތިބި އެހެނިހެން ކްލައިމެޓް އެކްޓިވިސްޓުން ވަނީ ގްރެޓާއަށް މަރުހަބާ ކިޔަން ތައްޔާރުވެފައެވެ.