ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއާއި ފުވައްމުލަކުސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް މާލެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.
މިދަތުރުފުޅުގައި ދެ ސިޓީގެ ވެސް ސިޓީކައުންސިލާ ބައްދަލުކުރައްވައި ކައުންސިލަރުން ފާހަގަކުރެއްވިކަންކަމާ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި ދެ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމާއި ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ދެ ސިޓީގެ ކަމާގުޅުންހުރި އެކިއެކި ފަރާތްތަކާއެކު ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ވެއެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ ފުވައްމުލަކު ސިޓީގައި، މަސްޖިދުލް ހުދާގެ ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމާއި އައްޑޫސިޓީގެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސަރވިސް އެކްސެލަންސް ޕްރޮގްރާމް ފަށްޓަވައިދެއްވައިފައެވެ.