Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

އަލީ ވަހީދުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އަންނަ މަހަށް ތާވަލުކޮށްފި

އަލީ ވަހީދު - ފޮޓޯ: ރައީސް އޮފީސް

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އަންނަ މަހަށް ތާވަލުކޮށްފިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގައި ޝަރިއަތް ކުރިއަށް ގެންދިއުމަށް ކްރިމިނިލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ސުޕްރިމް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 09:00 އަށެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.