ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރި ހޯދައި ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޗެލްސީ އަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބުނީ ދެވަނައިގައި އޮތް ލިވަޕޫލް މިރޭ ބްރައިޓަންއާ ބައްދަލުކޮށް 2-2 އިން އެއްވަރުވުމާ ގުޅިގެންނެވެ. އަދި ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ވަނީ 2-0 އިން ކްރިސްޓަލް ޕެލެސް އަތުން ބަލިވެފައެވެ.
ލީގުގެ އެއްވަނައިގައި ޗެލްސީ 25 ޕޮއިންޓާ އެކު އޮތްއިރު، 22 ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. އަދި ތިންވަނައިގައި ސިޓީ އޮތީ 20 ޕޮއިންޓާ އެކުއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި ރީސް ޖޭމްސް ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ގޯލު ވެސް ޖޭމްސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އެވެ. މިއީ ލީގުގައި ޗެލްސީން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.
ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަން އާއި ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމްވެޕޫ ބްރައިޓަނަށް ގޯލެއް ކާމިޔާބުކޮށްދިން އިރު މެޗުގެ 65 ވަނަ މިނެޓްގައި ޓްރޮސާޑް ވަނީ ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މީގެއިތުރުން އަމިއްލަ ދަނޑުގައި މިރޭ ލީގުގެ 13 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސް އަތުން ސިޓީ ބަލިވިއިރު މެޗުގެ ހަވަނަ މިނެޓްގައި ވިލްފްރެޑް ޒަހާ ވަނީ ޕެލެސް އަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ޑިފެންޑަރު ލަޕޯޓް އަށް ދެއްކި ރަތްކާޑުގެ ސަބަބުން ސިޓީން މެޗުގެ ބޮޑުބައެއް ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކުއެވެ. ލަޕޯޓް އަށް ރަތްކާޑު ދެއްކީ ޒަހާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި މެޗުން ޕެލެސް އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޮނާ ގަލަގާ އެވެ.