Last Updated: July 21, 18:02
Tuesday, July 21, 2026
ކުޅިވަރު

ޓޮޓެންހަމް އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްގެ މައްޗަށް 3-0 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.

މިއީ ދެ މެޗަށްފަހު ލީގުގައި ޔުނައިޓެޑުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ ލީގުގައި ޓޮޓެންހަމް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މިއީ 2007 ވަނަ އަހަރަށްފަހު ޓޮޓެންހަމްގެ ދަނޑުގައި ކުޅެ ޔުނައިޓެޑުން ހޯދި އެންމެ ބޮޑު މޮޅެވެ.

މިރޭގެ މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 17 ޕޮއިންޓާ އެކު ލީގުގެ ފަަސްވަނަ އަށް އަރާފައެވެ. ޓޮޓެންހަމް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ބްރޫނޯ ފަނާންޑޭސް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

ޔުނައިޓެޑްގެ ދެވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ރޮނާލްޑޯ ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ހުސް ފުރުސަތެއްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްގެ ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި މާކަސް ރަޝްފޯޑް އެވެ.

ޓޮޓެންހަމް ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، އެޓީމަށް މުޅި މެޗުގައި ވެސް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.