Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

2022 ގެ ބަޖެޓް، 36.9 ބިލިއަން ރުފިޔާ

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.

އަންނަ އަހަރަށް އެކުލަވާލައިފާއިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 9,748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6,833 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.

ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތައް ދިނުމަށާއި ފުޅާކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4,640 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް 3,784 މިލިއަން ރުފިޔާ، އަދި އާންމު ސިއްހީ ޚިދުމަތްތަކަށް 603 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 8,085 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެންމެ ބޮޑުބައެއް ހިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށެވެ. މިކަންތައްތަކަށް 3,466 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާއިރު، ދަތުރުފަތުރު ކުރިއެރުވުމަށް 2,418 ހިމަނާފައިވެއެވެ.

ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 4,067 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތްތަކަށް 2,333 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ.