އައްޑޫސިޓީ ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓްގައި ހިމަނައިފިއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
އެގޮތުން ސ. ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓުގައި އަލަށް ހިމަނާފައިވާނެކަން ފާހަގަކުރެއްވިއެވެ.
"މިގޮތުން ސ. ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓުގައި އަލަށް ހިމަނާފައިވާއިރު، ހުޅުމާލޭގައި ގާއިމުކުރާ ނެޝަނަލް ޑްރަގް އޭޖެންސީގެ ވެލްނަސް ސެންޓަރުގެ މަސައްކަތްވެސް ކުރިއަށްދާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއް ކަމަށާއި، ވަކިން ހާއްސަކޮށް، މި ދާއިރާއާގައި ހައްލުކުރަންޖެހޭ ގިނަގުނަ ކަންކަންހުރިއިރު، ދާއިރާ ކުރިއަރުވަން އެކަށީގެންވާ ވަސީލަތްތައް ހޯދައިދީ އިންވެސްޓްމަންޓްތައް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ގެ ބަޖެޓު 2018 ވަނަ އަހަރާ އަޅާބަލާއިރު 2 ގުނަ ބޮޑުކޮށްފައިވާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.