ޑޮކްޓަރީ ބޭސްވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅައި އާސަންދައިން ކުރެވޭ އިސްރާފު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ކަމަށެވެ.
މިގޮތުން 2022 ވަނަ އަހަރު އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާނެކަމަށާއި، އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން، މާލީ ރައްކާތެރިކަންވެސް އިތުރުކޮށްދޭ ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް، މި ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާފައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކި ފަރާތްތަކަށް ދެމުންދާ އެހީތައް 2022 ވަނަ އަހަރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. މިގޮތުން ނިކަމެތިންނާއި، އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 363 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، އަދި ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދޭ އެހީގެ އިތުރުން، ދަތުރުފަތުރުގެ އަގު ތިރި ކުރުމަށް ދޭ ސަބްސިޑީވެސް އަންނަ އަހަރު ދެމުންގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.