Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބަޖެޓުން ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީ

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ކަނޑައަޅައިފިއެވެ.

ބަޖެޓް 2022 ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2019 ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، އެއަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހޭ ގޮތަށް ހަމަޖެހިގެން ގޮސްފައިވާކަމަށެވެ.

މިއީ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދީ، މާލީ މިނިވަންކަން ކައުންސިލްތަކަށް ލިއްބައިދިން ތާރީހީ ބަދަލެއްކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި ފައިސާ ދޫކުރަން ފަށާފައިވާކަމަށެވެ.

"2022 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭތީ، މިއަންނަ އަހަރު ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ބަޖެޓުގައި ހިމަނާފައި ވާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.