2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަހުސް ރައްޔިތުންގެ މަޖިލީހުން އަންނަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ބަޖެޓް ކޮމިޓީގެ މަސައްކަތްތައް މިއަދު ފަށާނެކަމަށާއި، ބަޖެޓް ދިރާސާކުރެއްވުމަށް މެމްބަރުންނަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާކަމަށެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު ކަމަށާއި، ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅޭނެކަމަށެވެ. އަދި ބަޖެޓް ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސް ކުރެވޭ ވަރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.