އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ 17 އިންސައްތަ ޕިއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަކޮށްފިއެވެ.
2022 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 36,925,424,524 ރުފިޔާ އެވެ.
މީގެތެރޭގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިދާ ހިމެނެއެވެ. މިއީ ޚަރަދުގެ ގޮތުގައި ގުނޭ ބައިތަކެއް ނޫނެވެ.
މިދެބައި ނުލައި، 2022 ވަނަ އަހަރު ދައުލަތުގެ ޖުމުލަ ހަރަދު ކަމަށް ލަފާކޮށްފައިވަނީ 34 ބިލިއަން ރުފިޔާއެވެ.
އޭގެތެރެއިން ބޮޑު ބަޔަކީ ރިކަރެންޓް ހަރަދެވެ. ރިކަރެންޓް ހަރަދަށް 24.8 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، ޕީއެސްއައިޕީއަށް 6.3 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. އަދި އެހެނިހެން ކެޕިޓަލްއަށް 5.8 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރަށް އެކުލަވާލައިފާއިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 9,748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6,833 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.