މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 94 ބިލިއަނަށް އަރާނެކަމަށް ލަފާކޮށްފިއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ އެ އަހަރަށް އަންދާޒާކުރި މިންވަރާ އަޅައިބަލާއިރު، ދެބައިކުޅަ އެއްބައިން ދަށަށް ދިއުމާއެކު، ދައުލަތުގެ ޚަރަދުތައް ފޫބައްދަން ޖެހުނީ ދަރަނިން ކަމަށެވެ.
"އާމްދަނީ އަދިވެސް އާންމު ހާލަތަކަށް ނުވަތަ 2019ގެ އާމްދަނީއާ އެއްހަމައަކަށް ނާދޭ. 2020 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 15.2 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީއަށްވުރެ 34.5 އިންސައްތަ ދަށް އަދަދެއް. އަދި 2021 ވަނަ އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 19.1 ބިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރުގެ އާމްދަނީއާ އަޅައިބަލާއިރު، 15.3 އިންސައްތަ ދަށް އާމްދަނީއެއް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު، ޚަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތައް އެޅުނުކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި މިންވަރަށްވުރެ 8.8 ބިލިއަން ރުފިޔާ ކުޑަވި ކަމަށެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރި ޚަރަދާއި އިޤްތިސާދީ ރެސްޕޮންސަށް ކުރި ޚަރަދު ހިމަނައިގެން ކުޑަވި މިންވަރެއް ކަމަށާއި، 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ 30.2 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން އެ އަހަރުގެ ބަޖެޓް ޑެފިސިޓް ވެފައިވަނީ 13.5 ބިލިއަން ރުފިޔާއިން ކަމަށާއި، މި ހިނގާ 2021 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައިވެސް ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަމުން ދާކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރު ބަޖެޓު ހުންނާނެކަމަށް ބެލެވެނީ 37.2 ބިލިއަން ރުފިޔާގައި ކަމަށާއި، ބަޖެޓު ބޮޑުވެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކާފައިވާ "ސަނީސައިޑް ބޮންޑު"ގެ ބޮޑުބައެއް މި އަހަރުގެ ތެރޭގައި އަދާކުރުމުން ކަމަށެވެ. މިއީ މި އަހަރު އަދާނުކުރިނަމަ، 2022 ވަނަ އަހަރު ދައްކަން ޖެހޭނެ ފައިސާއެއް ކަމަށާއި، މި ފައިސާ 2021 ވަނަ އަހަރު ދެއްކީ ލައިބިލިޓީ މެނޭޖްކުރުމުގެ ހަރަކާތެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.
މި ގޮތަށް އަމަލުކުރުމުގެ ސަބަބުން، "ސަނީސައިޑް ބޮންޑް" ސެކަންޑަރީ މާކެޓުގައި އޭރު މުއާމަލާތްކުރަމުން ދިޔަ އަގު ވެއްޓިފައި އޮތުން ރަނގަޅުކޮށް، އެ ބޮންޑްގެ ކޫޕަން ރޭޓް ކަމަށްވާ 7 އިންސައްތައާ ގާތަށް ޔީލްޑް ގެންދެވުނު ކަމަށާއި، މިއީ ދުނިޔޭގެ ބައެއް ބޮޑެތި ބެންކުތަކުންނާއި ރޭޓިންގ އެޖެންސީތަކުން ތައުރީފުކޮށްފައިވާ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
2022 ވަނަ އަހަރުގެ ބަޖެޓާއެކު، 2021 ވަނަ އަހަރުގެ ބަޖެޓުގައި މި ލައިބިލިޓީ މެނޭޖްމަންޓު ހަރަކާތުގައި ސަނީސައިޑް ބޮންޑަށް އިންވެސްޓަރުންނަށް އަނބުރާ ދެއްކި 2.9 ބިލިއަން ރުފިޔާ ހިމެނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، 2021 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓްވާނެ ކަމަށް މިހާރު ލަފާކުރެވެނީ 12.8 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތަ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ރޭވިފައިވާކަމަށެވެ. އެގޮތުން މި އަހަރު ޖުލައި މަހު މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީގައި ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް 3 ކަމެއް ހުށަހަޅާފައިވާނެކަން މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. އެކަންކަމަކީ، 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން، 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން އަދި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުމެވެ.
މި އަމާޒުތައް ހާސިލުކުރުމަކީ މެދުރާސްތާގައި ބަޖެޓު ދެމެހެއްޓިނިވި މިންގަނޑަކަށް ގެނައުމަށް މުހިއްމުކަމެއް ކަމަށާއި، ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ މި އަމާޒުތައް ހާސިލުކުރެވޭނެ މަގުން ކަމަށް އަމީރު ވިދާޅުވިއެވެ.
މި ސްޓްރެޓެޖީއާއެކު، ދައުލަތުގެ ސީދާ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެއަށް ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއްކަމުގައިވުން ކަމަށާއި، މި ފަދަ އަޑިގަނޑަކުން އަރައިގަތުމަށް، ފިސްކަލް ޕޮލިސީން ޖާގަ ބޭނުންވާ ކަމަށާއި، ހާލަތާ އެކަށޭނަ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ. މި ފުރުސަތު ފަހިވަނީ އަމަލުކުރާ ގޮތުން ކަމަށާއި، ރާއްޖެއަށް ކޮވިޑް-19 ގެ ހާލަތުން މިހާ އަވަހަށް އަރައިގަނެވި، އާ އާންމު ހާލަތަށް ރުޖޫޢަ ވެވި، އިޤްތިސާދީ ހަރަކާތްތައް އިތުރުވަނީ ހަރުދަނާ މާލީ އަދި އިގުތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.