Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "އަލްމާ" ބޯޓު މާމެންދުއަށް ވައްދައިފި

"އަލްމާ" ބޯޓު-- ފޮޓޯ: އެމްއެންޑީއެފް

ހުވަދޫ ކަނޑުން ދިޔަވާތީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނު "އަލްމާ" ބޯޓު ގއ. މާމެންދުއަށް ވައްދައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މާލެއިން ފުރައިގެން އައްޑު އަތޮޅަށް ދަތުރުކުރި "އަލްމާ" ނަމަކަށް ކިޔާ މި ބޯޓު، ކަނޑު ގަދަވެ ދަތުރުނުކުރެވުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔަ މެންދުރު 13:45 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ގއ.އެކެފަރުގެ އުތުރުން 8 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މި ބޯޓުގައި ފަސް ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރިއެވެ.

މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ސަލާމަތްތެރިކަމާ އެކު ރޭ 21:30 ހާއިރު ގއ.މާމެންދޫ ބަނދަރަށް ވައްދާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.