Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް

މަހުމޫދު ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަނީ: ފޮޓޯ މިހާރު

އދ. ދަނގެތީގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

މަހުމޫދްގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެ ރަށުގައި ދުވަސްވީ މީހަކު ބެލުމަށް ގެނެސްފައި ހުރި ބިދޭސީއެކެވެ.

އޭނާގެ ބަންދު މުއްދަތު ފުރަތަމަ ޖަހާފައިވަނީ ދަނގެތީ ކޯޓުންނެވެ. އެ ފަހަރު ދިން މުއްދަތު ހަމަވެގެން ބަންދު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ޖަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެ ބިދޭސީ މީހާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފުލުހުން ވަނީ މަހުމޫދު މަރާލުމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.