Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުދި އާބާދީތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުދި އާބާދީތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ މިސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫންކަމަށެވެ.

ކުދި އާބާދީތަކަށްވެސް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވެމުންދާކަމަށާއި، އަދި އުމުރާނީ ތަރައްޤިވެސް ގެނެވެމުން އަންނަކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވަނީ އެރަށްރަށުން މީހުން ބަދަލުކުރުމުގެ ބޭނުމެއްނެތްކަން ފާހަގަކުރައްވާފައެވެ.

މީހުން މަދުނަމަވެސް އެ ރަށްރަށަކީ އިގްތިސާދީ ވަރުގަދަ ތަންތަނަށް ހެދުމުގެ ފުރުސަތު އޮތް ރަށްރަށްކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވަނީ މާފުށި އަދި އުކުޅަހުން މިސާލު ޖައްސަވާފައެވެ.

"ބައެއް ކުދިކުދި ރަށްރަށަކީ، އެރަށްރަށުގަ ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލަކާއެކީގަ އެރަށުގެ އިގްތިސާދު ވަރަށް ބޮޑަށް ފުޅާވެގެންދާ ތަންތަން އަސްލު. މީގެ ދުވަސްތަކެއް ކުރީގަ އުކުޅަހަކީ އެއްވެސް ރަށެއް ނޫން، މިއަދު އުކުޅަހަކީ ވަރަށް ބޮޑު އިގްތިސާދެއް އޮތް ރަށެއް. [މީގެކުރިން] މާފުއްޓަކީ މާ މުހިންމު ރަށެއް ނޫން، މިއަދު ވަރަށް ބޮޑު އިގްތިސާދެއް އޮތްރަށެއް. މާދަމާ ރަކީދޫ ވެދާނެ ވަރަށް ބޮޑު އިގްތިސާދެއް އޮތް 50 މީހުންގެ އާބާދީގެ ރަށަކަށް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ އެމީހުންގެ މުސްތަގުބަލު މަރާލުން ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ވިދާޅުވިއެވެ.