އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށްވެސް ޖުމުލަ 22 މިނެޓް ދިނުމަށް ނިންމައިފިއެވެ.
ބަޖެޓް ބަހުސަށް މެމްބަރުންނަށް ދޭނެ ވަގުތާ ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މީގެ ކުރިންވެސް ބަޖެޓް ބަހުސްގައި އަމަލުކުރަމުން އަންނަ ގޮތަށް އަމަލުކުރުމަށެވެ.
އެގޮތުން އާންމު ކޮމިޓީން ފާސްކޮށްފައިވަނީ ބަޖެޓް ބަހުސަށް ކޮންމެ މެމްބަރަކަށް 15 މިނެޓު އަދި ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓުގެ ބަހުސަށް ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓު ދިނުމަށެވެ. އަދި ބަޖެޓް ބަހުސްގެ ތެރެއިން ފިނޭންސް މިނިސްޓަރަށް 45 މިނެޓް ދިނުމަށެވެ.
އިއްޔަގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަޖެޓުގެ ބަހުސް ފެށުމަށް ތާވަލް ކޮށްފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހު ކަމަށާއި، ކޮމެޓީން ބަޖެޓު ދިރާސާކޮށް، އަންނަ މަހުގެ 18 ވަނަ ދުވަހު ތަޅުމަށް ހުށަހެޅޭނެކަމަށެވެ. އަދި ބަޖެޓް ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސް ކުރެވޭ ވަރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.
އަންނަ އަހަރަށް އެކުލަވާލައިފާއިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 9,748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6,833 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.