ޕްލާސްޓިކް ކޮތަޅުގެ ފަހަތުން ދުވުމުގެ ބަދަލުގައި އާމްދަނީ އިތުރުކުރުމަށް ގެންގުޅޭ ވިސްނުން ފުޅާކުރަންޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހަޅާ ޤަރާރަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ސިޔާސީ ބުރަދަނެއް ހޯދުމަށް ރައްޔިތުންނަށް ދެއްކުމުގެ ގޮތުން ގަރާރެއްގެ ސިފައިގައި މިފަދަ ކަންކަން ހުށަހެޅުމުން ވާނެކަމެއް ނޯންނާނެކަމަށެވެ. އަދި ވިދާޅުވީ މިފަދަ ގަރާރެއް ހުށަހަޅާފައިވާއިރު، 2022 ވަނަ އަހަރުގެ ބަޖެޓް އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިކަމަށާއި، ބަޖެޓުގައި މިއިން އެއްވެސް ކަމަކަށް ފައިސާއެއް ނެތްކަމަށެވެ.
ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި، އެކަން ބަޖެޓްގައި ހިމަނާފައިވާއިރު ސައީދުގެ ވާހަކައިގައި ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ސައީދު ވިދާޅުވީ، ޓެކްސް ނަގަންވީ ޕްލާސްޓިކް ކޮތަޅުން ނޫންކަމަށާއި، އާމްދަނީ އިތުރުކުރުމަށް ހުޅުވަންވީ އެއާޕޯޓްގެ އާ ރަންވޭ އާއި ސީޕްލޭން ޓާމިނަލް ކަމަށެވެ.
"މިއަދު ޕްރައިވެޓް ޖެޓްތައް ޖައްސާފަ އެހެރީ ޖީއެމްއާރުން ކުނި ވަޅުލިތާންގަ ކުނި ނަގާފަ، އޭޕްރަން ހަދާފަ. އެއީ އާމްދަނީ އަކީ. ޕްލާސްޓިކް ކޮތަޅުގަނޑެއް ފަހަތަކުން ނޫން ދުވަންވީ. އެއަށްވުރެއް އަޅުގަނޑުމެންގެ ވިސްނުން ފުޅާވާންޖެހޭ. އާންމު ރައްޔިތު މީހާ ގެންގުޅޭ ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނޫން ނަގަންވީ، ރަންވޭ ހުޅުވަންވީ." ސައީދު ވިދާޅުވިއެވެ.
ރާއްޖެ އަށް އެތެރެކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމައި އެ ޓެކްސް އިން 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށް ބަޖެޓުގައި ހިމަނާފައިވެއެވެ.