ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ލިބިފައި ނުވާ މައްސަލައިގައި ކުރިންވެސް ދައުވާކޮށްދިނުމަށް އެދިފައިވާ 11 ފަރާތުގެ މައްޗަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިއްޖެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން މިއަދު ބުނެފައިވަނީ، ތަޙުޤީޤު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން އޭސީސީގެ ނިންމުން 31 އޮކްޓޫބަރު 2021 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
މިމައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މިމައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި، އަދި 14 އޮކްޓޫބަރު 2020 ގައި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
އަލަށް ކޮށްދިނުމަށް އޭސީސީން އެދިފައިވާ ދައުވާއަކީ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
"މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވެއެވެ. މިމައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަޙުޤީޤު ވަކިން ކުރިއަށް ގެންދާގޮތަށް ވަނީ ނިންމާފައެވެ." އޭސީސީން ބުނެފައިވެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ކުރުމަށް އެދޭ 11 ފަރާތް!
މިކަމުގައި އޭސީސީން ފުރަތަމަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ.
މި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި 14 އޮކްޓޫބަރު 2020 ގައި އޭސީސީން ޕީޖީއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އޭސީސީން ބަދަލެއް ނުގެސް އެދިފައިވަނީ އޭރު އެދުނު ދައުވާތަކުގެ އިތުރުން އާ ދައުވާއެއް އެފަރާތްތަކުގެ މައްޗަށް ކޮށްދިނުމަށެވެ.
ވެންޓިލޭޓަރު މައްސަލައިގައި ގޮތެއް ނުނިންމި ދިގު މުއްދަތެއް!
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އިން 2020 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކޮށްފައިވާ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެެރެފައިވާ ކޮވިޑް-19 ކޮމްޕްލަޔަންސް ރިޕޯޓްގައިވާ ގޮތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އާ އެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރެވެ. އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ އެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާ އަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ދިވެހި ބައެއް ކުންފުނިތަކާއި އެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކުރެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހުއްދަ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅިއިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފާހަގަކޮށްފަ އެވެ. އަދި ޕާފޯމަންސް އާއި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބަލަހައްޓާފައި ނުވުމާއި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ހިމަނާފައި ވުމާއި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާކަން ރިޕޯޓްގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އިން ފިނޭންސް މިނިސްޓްރީ އަށް ހަގީގަތާ ހިލާފު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވެންޓިލޭޓަރު ލިބިފައިނުވާކަމަށެވެ.
މިކަމުގައި އޭސީސީން ފުރަތަމަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭރުގެ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ. އެހެންނަމަވެސް އޭސީސީން ފޮނުވި މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ނިންމެނީ މައްސަލައިގައި ދައުވާ ނުކުރުމަށެވެ.
އެކަމުގައި ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އަލުން ރިވިއުކޮށްދިނުމަށް ޕީޖީގެ އަރިހުން އެދުމުން ނިންމެވީ މައްސަލައިގައި ރިވިއުކުރާނެ ތަނެއް ނެތްކަމަށެވެ. ޕީޖީގެ މި ނިންމުމާއެކު ގިނަބައެއްގެ ފާޑުކިޔުން ޕީޖީއަށް އަމާޒުވެ މަޖިލީހުގެ ފިއްތުންތައް އިތުރުވުމުން ޕީޖީވަނީ މައްސަލަ އޭސީސީއަށް ފޮނުވާ އަލުން ވަކިކަންތައްތަކެއް ބެލުމަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އޭސީސީން މިފަހަރު ޕީޖީއަށް މައްސަލަ ފޮނުވާފައިވަނީ ޕީޖީން އެދުނު ކަންކަން ތަހުގީގު ކުރުމަށްފަހުއެވެ.
ވެންޓިލޭޓަރު މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންގޮސްފައިވަނީ، އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ.