ހުސްވެފައިވާ ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމަށް އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ.
ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ނޫނޯ ސަންޓޯ އެ މަގާމުން އިއްޔެ ވަކިކުރުމާ ގުޅިގެންނެވެ. ނޫނޯ ވަކިކުރުމަށްފަހު ޓޮޓެންހަމް އިން އިއްޔެ ވަނީ ކޮންޓޭ އާއެކު ވާހަކަތައް ފަށާފަ އެވެ. ކޮންޓޭ ވަނީ އިއްޔެގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް އައިސްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓޮޓެންހަމްގެ ހުށަހެޅުން ކޮންޓޭ ވަނީ ގަބޫލުކޮށްފައެވެ. އެގޮތުން ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 20 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން އަންނަ ސީޒަނުގެ ނިޔަލަށް އެޓީމުގައި ހުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 52 އަހަރުގެ ކޮންޓޭ އެންމެފަހުން ކޯޗުކަން ކޮށްދީފައިވަނީ އިންޓަ މިލާނަށެވެ. މިދިޔަ މޭ މަހު ކޮންޓޭ އިންޓަ ދޫކޮށްލިއިރު އޭނާ ވަނީ އެޓީމަށް އިޓާލިއަން ލީގު ހޯދާދީފައެވެ. މީގެއިތުރުން ކޮންޓޭ ވަނީ މީގެކުރިން ޗެލްސީ އަށްވެސް ކޯޗުކަން ކޮށްދީފައެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެޓީމަށް ޕްރިމިއާ ލީގަކާއި އެފްއޭ ކަޕެއް ކާމިޔާބުކޮށްދީފައެވެ.
ޓޮޓެންހަމްގެ ކޯޗުކަމުން ނޫނޯ ވަކިކުރިއިރު އޭނާ އެ މަގާމާ ހަވާލުވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ޓޮޓެންހަމް މިވަގުތު އޮތީ 15 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.