Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތަކުގައި މިހާތަނަށް 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވޭ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތް އަލީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާގެ މައްސަލަތަކުގައި މިހާތަނަށް ސްކޫލްތަކުގައި ވަޒީފާއަދާކުރާ 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތް އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވަނީ ގަލޮޅު މަދަރުސާގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތް އަލީ ވިދާޅުވީ އެފަދަ ހާދިސާތަކަކީ ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަ ސްކޫލަށް އެންގި ހިސާބުން ސްކޫލްގައި އެ މަގާމުގައި ތިބި ފަރާތްތައް ސަސްޕެންޑް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ބަލަމުންގެންދާކަން ފާހަގަކޮށް މިނިސްޓަރު ވަނީ ގުޅުން ހުރި ފަރާތްވަނީ ހައްޔަރު ކޮށްފައި ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް އެޅިފައި ހުރި ފިޔަވަޅުތައް ހުންނާނެ ކަމަށާއި މިހާދިސާއާ ގުޅިގެންވެސް އެ ސްކޫލްގައި އިތުރު ފިޔަވަޅު އަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަށް ސަމާލުވުމަށްވެސް ސްކޫލްތަކަށް އަންގާފައިވާނެކަމަށެވެ.

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ފުލުހުން ބަލާ މައްސަލަތަކެއް ނަމަވެސް މިކަމުގައި މިނިސްޓްރީންވެސް އެ ފަރާތްތަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އަޅާ ކަމަށްވެސް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ. އެގޮތުން މިދައުރުގައި އެފަދަ 40 ހަކަށް މައްސަލަ ހުށަހެޅުނުއިރު، 30 ހަކަށް ފަރާތް ވަޒީފާއިން ވަކިކޮށްފައި ވާކަމަށް ވިދާޅުވިއެވެ. އަދި ބާކީ މައްސަލަތައް ވެސް އެބަ ބެލޭ ކަމަށާއި، އެގޮތުން 7 ވަރަކަށް ކޭސް އެބަ ބެލޭ ކަމަށާއި، އެމައްސަލަތައް ބަލާއިރު އެ ފަރާތްތައް ތިބޭނީ ސަސްޕެންޝަންގައި ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.