Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނަރުހުގެ މަރު: މަރުވުމުގެ ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" ބައްދަލުކުރި

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްގެ އަންހެން ނަރުހެއްގެ މަރުގެ މައްސަލައިގައި ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ، އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާއިރު، އެ އަންހެން މީހާ މަރުވުމުގެ ދުވަސްތަކެއް ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" އޭނާއާ ބައްދަލުކުރިކަން އެނގިއްޖެއެވެ.

މި އަންހެން މީހާއަކީ އައިޖީއެމްއެޗް ޑަޔަލަސިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން ދިޔަ ނަރުހަކަށްވީއިރު، އޭނާގެ ފިރިމީހާ އަކީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތްކުރަމުން ދިޔަ ނަރުހެކެވެ. މި އަންހެން މީހާގެ މަރާގުޅިގެން ދެއްކޭ ބައެއް ވާހަކަތަކުގެ ތެރޭގައި، މި ދެމަފިރިންގެ ދެމެދުގައި އެކި މައްސަލަތައް ޖެހެމުން އައިސްފައިވާކަމާއި، އަދި އެކަން ހިނގަމުން ދިޔައީ ފިރިހެން މީހާ ދިވެހި އަންހެނަކާ އެކު ލޯބީގެ ގުޅުމެއް ބާއްވަމުން ދިއުމުން ކަމަށް ވާހަކަ ދެކެވެއެވެ.

މިމައްސަލައާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ކަމަށް ތުހުމަތު ކުރެވެނީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރަމުން އައި ޖޫނިއަރ ނަރުހަކާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެންމީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ނަރުސް، ފިލިޕިންސްގެ ނަރުހަށް މީގެކުރިން އިންޒާރުދީ ހަދާފައިވެއެވެ. އެގޮތުން އޭނާއަކީ އެކި ގުޅުންތައް އޮންނަ ބާރުގަދަ މީހެއްކަމަށްވެސް ބުނެ ބިރުދައްކާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

ފިލިޕިންސްގެ ނަރުސް މަރުވުމުގެ ދުވަސްތަކެއް ކުރިން، އޭނާއާ ފުލުހެއްކަމަށް ބުނާ މީހަކު ބައްދަލުކުރަން ބޭނުންވެގެން ބައްދަލު ކުރި ކަމަށްވެސް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ފިލިޕިންސްގެ ނަރުސް ވަނީ އެކަން އޭނާއާއެކު މަސައްކަތްކުރާ އެކި ފަރާތްތަކަށް ކިޔައިދީފައެވެ.

އެގޮތުން މަރުވި ނަރުހާއި ބައްދަލުކުރަން ބޭނުންވާކަމަށް "ގޮތް ނޭންގޭ ފުލުހަކު" އެދުމުން، ބައްދަލުކޮށްފައިވަނީ މާލޭގެ ރެސްޓޯރެންޓެއްގައި ކަމަށާއި، މި ބައްދަލުވުމުގައި އެ ފުލުސްމީހާ އޭނާގެ ކާޑު ދައްކާ ކަންކަން ކޮށްފައިވެއެވެ. މި ކަމަކީ ބިރު ދެއްކުވުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށް ބެލެވޭކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. އަދި ތަހުގީގަށް، މިބުނާ ފުލުސް މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މަރާމެދު ޝައްކު އުފެދުނީ ފިރިހެން މީހާ ދެގޮތަށް ވާހަކަ ދެއްކުމުން!

ފިލިޕިންސްގެ ނަރުސް އެ ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީ ނިންމުމަށްފަހު ގެޔަށް ދިޔައީ ގާތްގަނޑަކަށް 12:10 ގައެވެ. އަދި އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނައީ 12:47 ހާއިރުއެވެ.

މަރުވި ނަރުހުގެ އާއިލާއަށް އޭނާގެ ފިރިހެން މީހާ އެންގީ، ހާޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ އަންހެން މީހާގެ ކޮއްކޮ އެދުވަހު ހޮސްޕިޓަލަށް ދިއުމުން އޭނާގެ ގާތުގައި ބުނީ، މަރުވީ ދަންޖެހިގެން ކަމަށެވެ.

އަންހެން މީހާ މަރުވި ގޮތާމެދު ފިރިހެންމީހާ ދެގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން އެކަމުގައި ޝައްކުއުފެދި މަރު ތަހުގީގު ކުރުމަށް އެދުނީ އާއިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާގެ ކަރުގައި، ބާރަށް ހެފެހެއްޓުމުން ހުންނާނެކަހަލަ ނިޝާންތަކެއް ވަނީ ފެނިފައެވެ. އަދި އޭނާގެ ކަނާއަތު ފައިގެ މަތިންވެސް ކަނޑައިގެން ގޮސްފައިވާކަމަށާއި، ފިރިހެންމީހާގެ ގައިގެ އެކިތަންތަނުން، ނިޔަފަތި އެޅުމުން ހުންނާނެކަހަލަ ނިޝާންތަކެއްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގައި ފިރިހެންމީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަންހެން މީހާގެ ހަށިގނޑު ޕޯސްޓްމޯޓަމް ހެދުމަށްވަނީ އިންޑިއާއަށް ގެންގޮސްފައެވެ.