Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސަޕްލައި ދޯންޏެއް ރަކީދޫ ކައިރި ފަރަށް އަރައިފި، ފަޅުވެރިއަކަށް ފަރުވާދެނީ

ސަޕްލައި ދޯންޏެއް ވ. ރަކީދޫ ކައިރި ފަރަށް އަރައި އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ތ.އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ "ކޮއި" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އިންޖީނު ހުއްޓި، ވ.ރަކީދޫ ކަނޑުގެ އިރުމަތި ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 06:25 ހާއިރު ކަމަށް މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ސަޕްލައި ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅުނު އެ ދޯނީގެ ފަޅުވެރިއަކަށް އަނިޔާވެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 09:52 ހާއިރު ވަނީ ވ.ރަކީދޫއަށް ގެންދެވިފައިވާކަމަށެވެ.

މި ދޯނިން ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދިވެއްސަކު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.