Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނަރުހުގެ މަރު: ފިރިމީހާ އުޅުނީ އަވަސް އަރުވާލައިގެން ހަށިގަނޑު އަންދާލަން

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްގެ އަންހެން ނަރުސް މީހާ މަރުވުމަށްފަހު އޭނާގެ ފިރިމީހާ މަސައްކަތް ކުރީ އަވަސް އަރުވާލައިގެން ހަށިގަނޑު އަންދާލުމަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފިލިޕިންސްގެ ނަރުސް އެ ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީ ނިންމުމަށްފަހު ގެޔަށް ދިޔައީ ގާތްގަނޑަކަށް 12:10 ގައެވެ. އަދި އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނައީ 12:47 ހާއިރުއެވެ.

"އައްޑޫލައިވް"އަށް މައުުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ މަރުވެގެން ހޮސްޕިޓަލަށް ގެންދިއުމަށްފަހު ފިރިމީހާ މަސައްކަތްކުރީ އަވަސް އަރުވާލައިގެން ހަށިގަނޑު އަންދާލުމަށެވެ.

ރާއްޖޭގައި ހަށިގަނޑު އެންދުމަކީ ކުރާ ކަމަކަށް ނުވާތީ އޭނާ މަސައްކަތް ކުރީ އިންޑިއާ ނުވަތަ ލަންކާއަށް ހަށިގަނޑު ފޮނުވައިގެން އަންދާލުމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެ ގައުމުތަކަށް އެގޮތަށް ހަށިގަނޑު ފޮނުވެން ނެތުމުންނެވެ.

އަދި އަންހެން މީހާގެ ހަށިގަނޑު ރާއްޖޭގެ މޯޗަރީގައިވެސް ދުވަސްތަކެއް ވަންދެން އޮތެވެ. އަދި އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ފެށީ އޭގެ ދުވަސްތަކެއް ފަހުންނެވެ.

މަރުވި ނަރުހުގެ އާއިލާއަށް ފިރިހެން މީހާ އެންގީ، ހާޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ އަންހެން މީހާގެ ކޮއްކޮ އެދުވަހު ހޮސްޕިޓަލަށް ދިއުމުން އޭނާގެ ގާތުގައި ބުނީ، މަރުވީ ދަންޖެހިގެން ކަމަށެވެ.

އަންހެން މީހާ މަރުވި ގޮތާމެދު ފިރިހެންމީހާ ދެގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން އެކަމުގައި ޝައްކުއުފެދި މަރު ތަހުގީގު ކުރުމަށް އެދުނީ އާއިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިހާރު އިންޑިއާއަށް ވަނީ ފޮނުވާފައެވެ.