ފުލުހުންގެ ޤާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ފުލުހުންނަށް ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށެވެ. އަދި ލިބިފައިވާ ފުރުސާތާއި، ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން އިމްރާން ފާހަގަކުރެއްވިއެވެ. މިދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖޭގެ އިޤްތިޞާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން. މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ. މިހާލަތުގައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ޤަބޫލުކުރަން." މިނިސްޓަރ ވިދާޅުވިއެވެ.
ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ޚާއްޞަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭ މިންވަރުވެސް އިމްރާން ފާހަގަކުރެއްވިއެވެ.
އެކަން ފާހަގަކުރައްވާ ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ދިއުމަށްޓަކައި ހުރި ބޮޑަތި ގޮންޖެހުންތަކަށް ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެކަމަށެވެ.
މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ޤާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑުކަމަށެވެ.
ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށާއި، އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ޤަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.