Last Updated: July 21, 16:57
Tuesday, July 21, 2026
ކުޅިވަރު

ރޮނާލްޑޯ ޔުނައިޓެޑް ސަލާމަތްކޮށްދީފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޔުވެންޓަސް އާއި ބަޔާން މިއުނިކް މުބާރާތުގެ އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުން އެޓަލަންޓާއާ 2-2 އިން އެއްވަރުކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ބަޔާން ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބެންފީކާގެ މައްޗަށް 5-2 އިންނެވެ. މި މެޗުގައި ބަޔާން އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ރޮބަޓް ލެވެންޑޯސްކީ ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ސާޖް ގްނެބްރީ އާއި ލީރޯއި ސާނޭ އެވެ.

މި މޮޅާއެކު ބަޔާން އޮތީ ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު ގްރޫޕް އީގެ އެއް ވަނައިގަ އެވެ. ދެވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ގްރޫޕްގެ ތިންވަނައިގައި ބެންފީކާ އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޑިނަމޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް އެޗްގައި އޮތް ޔުވެންޓަސް ދެވަނަ ބުރަށް ދަތުރުކުރީ ރަޝިއާގެ ޒެނިތްގެ މައްޗަށް 4-2 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާގެ އިތުރުން ކިއޭސާ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 9 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޒެނިތް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް މަލްމޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް އެފްގައި ހިމެނޭ އެޓަލާންޓާ އާއި ޔުނައިޓެޑް ރޭ ބައްދަލުކުރި މެޗުގައި ޔޯސިފް އިލިޗިޗްގެ ގޯލުން އެޓަލާންޓާ ލީޑުނަގާފައިވަނިކޮށް ރޮނާލްޑޯ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެ ވަނަ ހާފުގައި ޑުވާން ޒަޕާޓާ ވަނީ މެޗުގައި ދެ ވަނަ ފަހަރަށް އެޓަލަންޓާ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑާއި ވިޔަރެއާލް އަށް ހަތް ޕޮއިންޓު ލިބިފައިވާއިރު ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބެނީ ޔުނައިޓެޑަށެވެ. އެޓަލަންޓާ ތިން ވަނައިގައި ފަސް ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ޔަންގް ބޯއީސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.