Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންޑިއާ އާއެކު ހަދާ އެއްބަސްވުންކަތާ ހެދި މިނިވަންކަމަށް ގެއްލުންވޭ: ޕީޕީއެމް

ރާއްޖެއިން އިންޑިއާ އާއެކު ހަދާ އެއްބަސްވުންތަކުގެ ސަބަބުން މިނިވަންކަމަށް ގެއްލުންވާކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރާ ޤައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫންނަމަވެސް، މިއަދު ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުން ވާނެ އެތައް ކަމަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ހަރު މުދާ ވިއްކާ، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

"އެހެންކަމުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ދަމަހައްޓާ، އަންނަން އޮތް ޖީލާ ހަމައަށް ޤައުމު ވާސިލުކޮށްދިނުމަށް 1988 ނޮވެމްބަރު 3 ވަނަ ދުވަހު ޤުރުބާންވީ ފަދަ ޙުސައިން އާދަމްއަކަށް، އެދުވަހު ޤައުމީ ރޫޙުގައި ނުކުތް ދިވެހި ސިފައިން ފަދަ ޤައުމީ ލޭ ހިނގާ ދިވެހި ދަރީން ތަކަކަށް ޤައުމު ވަނީ ބޭނުންވެފައެވެ. މިހާރުން މިހާރަށް ދިވެހި ރައްޔިތުން އަޅާންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، މިޤައުމު ދިވެހިންނަށް އަތުވުމަކީ ނާދިރުކަމެއްކަން ޔަޤީނެވެ. އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނޭ! ވިސްނާ ފިކުރުކޮށް ޤައުމު އަނބުރާ ހޯދުމަށް ނުކުންނަވާށެވެ. އަންނަން އޮތް ޖީލަށް މިޤައުމު މިޤައުމުގެ ގޮތުގައި ވާސިލުކޮށްދިނުމަށް އަތުކުރި އޮޅާލާށެވެ." ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މީގެ ކުރީގެ ޖީލުތަކުން މިޖީލާއި ހަމައަށް ޤައުމު ގެނެސްދިން ގޮތަށް އަންނާން އޮތް ޖީލަށް ޤައުމު ވާސިލުކޮށްދިނުމަށް ޢަޒުމް ކަނޑަ އަޅަންޖެހޭ ކަމަށެވެ.

އަދި މިސަރުކާރުން ކަން ކުރަމުން އަންނަ ގޮތުގެ ސަބަބުން، ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ޤައުމު ވެއްޓި ހުސްވެފައިވާކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.