ދިވެހި ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު ތައާރަފް ކޮށްފިއެވެ.
އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާހުކުރުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ ގަޑުބަޑުވެފައި ވާކަމަށެވެ.
މިނިސްޓަރު މާރިވާ ވިދާޅުވީ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުންކަމަށެވެ.
އަސްކަރީ އަދުލުގެ ނިޒާމު ތައާރަފް ކުރެވުމަކީ، މީގެ 3 އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެށްޓެވި މަސައްކަތަށް، ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާއެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރުކުރައްވާފައިވާ މިޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއްކަމަށްވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ. މިޑޮކިއުމަންޓް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.