Last Updated: July 11, 17:57
Saturday, July 11, 2026
ޚަބަރު

އޯޑިއޯތަކާ ގުޅިގެން ގާޒީ ފާއިޒު ސަސްޕެންޑްކޮށްފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ދައުރުކުރި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން މިރޭ ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް ޙަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާފައިވާ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މާދަމާ އިން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާ އަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޝަނުގެ 83 ވަނަ ބައްދަލުވުމުގައި ކަމަށެވެ.