ބާސެލޯނާގެ ކޯޗުކަމުގެ މަގާމަށް އެ ކްލަބަށް ކުރިން ކުޅުނު ޒަވީ ހަނާންޑޭޒް ހަމަޖައްސައިފި އެވެ.
ބާސާގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ރޮނަލްޑް ކޫމަން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ކޫމަން ވަކިކުރުމަށްފަހު ބާސާގެ ކޯޗުކަން ވަގުތީ ގޮތުން އަދާކުރަމުން އަންނަނީ ސާޖީ ބާޖުއާން އެވެ.
ޒަވީ މިހާރު ކޯޗުކޮށްދެމުން އަންނަނީ ގަތަރުގެ އަލް ސާދަށް ކަމަށްވާއިރު އެ ކްލަބުން ވަނީ ޒަވީ ބާސާގެ ކޯޗުކަމާ ހަވާލުވުމަށް ނިންމާފައިވާކަން މިއަދު އިއުލާންކޮށްފައެވެ. އަލް ސާދް އިން ޒަވީ ދޫކޮށްލަން ނިންމީ އޭނާގެ ރިލީޒް ކްލޯސް ފީ ބާސާ އިން ދެއްކުމުންނެވެ. އެއީ ފަސް މިލިއަން ޔޫރޯ އެވެ.
ޒަވީ ގެނައުމާ ގުޅޭ މަޝްވަރާތައް އަލް ސާދް އާއެކު ކުރުމަށް ބާސާގެ ނައިބު ރައީސް ރަފާ ޔުސްޓޭ އާއި ފުޓްބޯޅަ ޑިރެކްޓަރު މަޓެއު އަލެމާނީ ވަނީ މި ހަފްތާގެ ތެރޭގައި ގަތަރަށް ގޮސްފައެވެ.
އުމުރުން 41 އަހަރުގެ ޒަވީ ބާސާގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވާނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު އެވެ. އެގޮތުން ޒަވީގެ އިރުޝާދުގެ ދަށުން ބާސާ އިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ނިކުންނާނީ އެސްޕަނިޔޯލްއާ ދެކޮޅަށެވެ.
ސްޕެނިޝް ލީގުގައި ބާސާ އިން 11 މެޗު ކުޅެފައިވާއިރު އެޓީމު އޮތީ 16 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ.