އައްޑޫސިޓީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ދެ އޮފީސް ހުޅުވުމަށް ނިންމައިފިއެވެ.
އެމްއެންޕީގެ އޮފީސް ހުޅުވުމަށް ނިންމާފައިވަނީ އައްޑޫސިޓީ ފޭދޫ އަދި ހިތަދޫ ގައެވެ.
އެމްއެންޕީގެ ލީޑަރޝިޕުން ދެކުނުގެ ދެ ސިޓީއަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން މިވަގުތު އައްޑޫސިޓީގައި ތިބިއިރު، ފޭދޫގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 03:30 ގައެވެ. އަދި ހިތަދޫ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 04:30 ގައެވެ.
ނޮވެމްބަރ މަހުގެ 5 އިން 9 އަށް އެމްއެންޕީން ދެކުނަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން، ނޮވެމްބަރ 5 އިން 6 އަށް އައްޑޫ ސިޓީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫ އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު ނޮވެމްބަރ 7 ގައި އަޢްޑޫ ސިޓީ ހުޅުދޫ އަދި މީދޫ އަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޮވެމްބަރ 8 އިން 9 އަށް ފުވައްމުލައް ސިޓީ އަށްވެސް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްއެންޕީން ބުނެފައިވަނީ، މިދަތުރުގައި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ތިއްބެވި އެމްއެންޕީގެ މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ މެންބަރުން އިތުރުކުރުމާއި، ސައުތު ރީޖަންގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އޭގެ އިތުރުން މި ދެ ސިޓީގެ ބައެއް ކްލަބް ޖަމިއްޔާތަކާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.