ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަން އުޅުމަކީ އެއްވެސް އިރަކު ބަލައިގަނެވޭނެކަމެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިފަދައިން ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
އެގޮތުން ވައްޑޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިނިވަން ކަމާއެކު ހިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްޤެއް ކަމަށެވެ.
އަދި އެކި ބަހަނާތައް ދައްކައިގެން އެ ހައްޤު ނިގުޅައިގަންނަން އުޅުމަކީ އޭރުވެސް އަދި މިހާރުވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވައްޑޭ ވިދާޅުވިއެވެ.
Minivan kamaaeku khiyaalu faalhu kurumakee QA in konme rayyithakah libidheefa vaa haggeh.
Eki eki bahanaa dhakkaigen mi haggu nigulhai gannan ulhumakee eyruves mihaaru ves balaiganeveyne kameh noon. https://t.co/Hm5N1GPlCg
— Waddey (@waddey_) November 5, 2021
ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ހިމެނެ އެވެ، އަދި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާ އިން ވަކިކުރެވިދާނެ ކުށްތަކުގެ ތެރޭގައި ހިމަނާފައެވެ.
މީގެއިތުރުން މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކި ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.