ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރާއިރު، ރައީސް ޔާމީން މިނިވަން ކުރަންޖެހޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އޯޑިއޯ ތަކުގެ މައްސަލައިގައި ގާޒި ފާއިޒް ސަސްޕެންޑް ކުރުމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓުގައި ވަނީ ފަނޑީޔާރުންގެ އިއްތިފާގުން އިއްވާފައިވާ ހުކުމް ބާތިލު ކުރަން ނުޖެހޭ ސަބަބެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ.
"އެ ބެންޗްގެ ފަނޑިޔާރަކު އެކަމާ ގުޅިގެން ސަސްޕެންޑް ކުރާއިރު، ރައީސް ޔާމީން މިނިވަން ކުރަންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ، ފަނޑިޔާރު ގެއަށް އަތްބޭނިކަން ޖޭއެސްސީން ސާބިތުކޮށްދީފައިވާކަމަށެވެ.
Ehenveema efandiyaarunge ihthifaaqun Raees Yameen ge mahchah ivvi hukum baathil kuran nujehey sababeh eba oiytho? E benchuge fandiyaaraku ekamaa gulhigen suspend kuraa iru Raees Yameen ves minivan kuran jehey. Fandiyaarugeyah aiy beynikan @MaldivesJSC evanee saabithu kohdheefai. https://t.co/3m6GynuWXI
— Ahmed Shiyam (@Shiyamaldives) November 6, 2021
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ދެއްކެވި ކަމަށް ބުނާ ދައުރުކުރި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑް ކުރިކަން ޖޭއެސްސީން ހާމަކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް ޙަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާފައިވާ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާ އަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.