ރައްޔިތުންގެ ކަންބޮޑުވުން އޮތީ މަސްތުވާތަކެއްޗާ ގުޅިގެން އުފެދޭ ކުށްތައް ރަށްރަށުގައި ފެތުރުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށެވެ. ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ނޫން ދެވަނަ ގޮތެއް ނެތްކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށެވެ.
މީގެއިތުރުންވެސް ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންކުރަމުންދަނީ ފުލުހުންނާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަަސައްކަތްކުރާ އަވަށްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިންކަން ފާހަގަކުރައްވައި، އެމަސައްކަތް ރަނގަޅު ގޮތުގައި ދިއުމުން ރަށުގައި އުފެދިގެންދާ ތަފާތު ހާލަތްތައް ކުށަކަށް ބަދަލުވެގެން ދިއުމުގެކުރިން، ގާނޫނީ ގޮތުން އަދަބާ ހަމައަށް ދިއުމުގެ ކުރިން، އެކަންކަން ދެނެގަނ ހައްލު ހޯދޭނެ ގޮތްތައް ހޯދިގެންދާނެކަމަށެވެ.