ހޯމަ ދުވަހު މިނިމަމް ވޭޖު އިއުލާނު ކުރުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު މިނިމަމް ވޭޖު އިއުލާނު ކުރަން ނިންމާފައިވާއިރު، ބައެއް ކެޓަގަރީތަކުން ކުރިން ކަނޑައެޅިފައިވާ އަގުތަކަށް ބަދަލު އަންނާނެއެވެ.
މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅޭ ބިލުގައި ވަނީ މިނިމަމް ވޭޖް 9 ދާއިރާއަކުން ކަނޑައެޅުމަށް ހިމަނާފައެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއެވެ.
އަދި އެ ބިލުގައިވާ ގޮތުން މިނިމަމް ވޭޖް ކަނޑައަޅަން އަމުރު ނެރެން ޖެހެނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. އެ ބޯޑު އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށް ކަމަށްވާއިރު، މިނިމަމް ވޭޖް ކަނޑައަޅަން ލަފާދޭނީ އެ ބޯޑުން ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ލަފާދޭތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ މިނިސްޓަރު އަމުރެއް ނެރެން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.