ހަމަހަމަކޮށް ހިދުމަތްދޭނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަހުމަދު މަހްލޫފް މިފަދައިން ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ ގަވައިދަށް ގެނެސްފައިވާ އިސްލާހަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
އެގޮތުން މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭނަމަ،ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ޔޫތު މިނިސްޓްރީގައި ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އުޅުއްވާއިރު މަސައްކަތުގެ ސްޕީޑު ހުރީ ރަނގަޅަށް." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
ސަރުކާރުގެ މަސައްކަތަށް ހުރަސްނާޅާ އަދި ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތްދޭނަމަ،ސިވިލް ސަރވިސް މުވައްޒަފުންނަށް މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި އުޅެވެންވާނެކަމަށް ދެކެން.
ޔޫތު މިނިސްޓްރީގައި ތަފާތު ސިޔާސީ ފިކުރުގެ ބޭފުޅުން އުޅުއްވާއިރު މަސައްކަތުގެ ސްޕީޑު ހުރީ ރަނގަޅަށް. https://t.co/4VjhzEMp02
— Ahmed Mahloof (@AhmedMahloof) November 6, 2021
ދިވެހި ސިވލް ސާވިސްގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ހިމެނެ އެވެ، އަދި މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް ވަނީ ވަޒީފާ އިން ވަކިކުރެވިދާނެ ކުށްތަކުގެ ތެރޭގައި ހިމަނާފައެވެ.
މީގެއިތުރުން މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަޤާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތަޢައްޞުބެއް ގެންގުޅޭނަމަ ވެސް ވަޒީފާއިން ވަކި ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.