އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 2-0 އިން މެންޗެސްޓަރ ސިޓީން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ސިޓީ މިހާރު ވަނީ 23 ޕޮއިންޓާ އެކު ލީގުގެ ދެވަނަ އަށް އަރާފައެވެ. ޔުނައިޓެޑް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. ޔުނައިޓެޑް ވަނީ އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައެވެ. އޭގެތެރެއިން ޔުނައިޓެޑަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބައިލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ވެސް ސިޓީން ދިޔައީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ކަންސެލޯ އާއި ޑި ބްރޭނާ އަދި ގެބްރިލް ޖީސެސް ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ބަނާޑޯ ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ކަންސެލޯ ނަގައިދިން ހުރަހަކުން ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފު ވެސް ސިޓީން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ސިޓީ އަށް ވަނީ މި ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއްކަން ފާހަގަކޮށްލެވެ އެވެ.