އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެއް މަރުވި މައްސަލައިގައި އެ ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވުމަށްފަހު އަނބުރާ ރާއްޖެއަށް ގެނެސްފިއެވެ.
ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފައިވާއިރު، އާއިލާއާ ހަށިގަނޑު ހަވާލުކުރުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.
ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށް ބަންދު މުއްދަތު ވަނީ ޖަހާފައެވެ.
ފިލިޕިންސްގެ ނަރުސް އެ ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީ ނިންމުމަށްފަހު ގެޔަށް ދިޔައީ ގާތްގަނޑަކަށް 12:10 ގައެވެ. އަދި އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނައީ 12:47 ހާއިރުއެވެ.
މަރުވި ނަރުހުގެ އާއިލާއަށް އޭނާގެ ފިރިހެން މީހާ އެންގީ، ހާޓްއެޓޭކެއް ޖެހިގެން މަރުވީ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ އަންހެން މީހާގެ ކޮއްކޮ އެދުވަހު ހޮސްޕިޓަލަށް ދިއުމުން އޭނާގެ ގާތުގައި ބުނީ، މަރުވީ ދަންޖެހިގެން ކަމަށެވެ.
އަންހެން މީހާ މަރުވި ގޮތާމެދު ފިރިހެންމީހާ ދެގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން އެކަމުގައި ޝައްކުއުފެދި މަރު ތަހުގީގު ކުރުމަށް އެދުނީ އާއިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.