އަންނަ އަހަރު އަންއެމްޕްލޯއިމެންޓް ސްކީމެއް ގާއިމު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިކަން ހާމަކުރައްވާފައިވަނީ މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ލ. ގަމުގައި ޖޮބް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ. އަދި މިއަންނަ އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ސްކީމް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
އުންމީދަކީ 2022 ވަނަ އަހަރުގެ މެދު ތެރޭގައި މި އެލަވަންސްގެ ޕައިލެޓް ޕްރޮގްރާމް ފެށުން ކަމަށާއި އޭގެ ނަތީޖާއަށް ބަލައި މުޅި ރާއްޖެއަށް އެކަން ފުޅާ ވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއްނުވެއެވެ.
މިނިމަމް ވޭޖް މިއަދު ކަނޑައަޅާފައިވާއިރު، މިނިމަމް ވޭޖްގެ ގޮތުގައި އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ، މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ، ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ އަދި ޕަބްލިކް ސެކްޓާ: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.