Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މިނިމަމް ވޭޖުން، ކުރުރާސްތާގައި ނޭދެވޭ އަސަރު ކުރިނަމަވެސް ދިގުރާސްތާގައި ރަނގަޅު އަސަރު ކުރާނެ

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް - ފޮޓޯ: ރައީސް އޮފީސް

މިނިމަމް ވޭޖްގެ ސަބަބުން ކުރުރާސްތާގައި ނޭދެވޭ އަަސަރުތަކެއް ކުރިނަމަވެސް މެދުރާސްތާ އަދި ދުރުރާސްތާގައި އިގްތިސާދަށް ރަނގަޅު އަސަރު ކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖްގެ ސަބަބުން ކުރުރާސްތާގައި ނޭދެވޭ އަސަރު ކުރާނެކަމަށެވެ.

އެގޮތުން ބައެއް ވިޔަފާރިތައް ރީސްޓްރަކްޗާ ކުރަންޖެހިދާނެ ކަމަށާއި، ވިޔަފާރިތައް ރީސައިޒު ކުރަންޖެހުން އަދި ބައެއް ވިޔަފާރިތައް ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި ބައެއް ވަޒީފާތައް ގެއްލުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.

އެހެންނަމަވެސް މިއަދު މިގެނެވޭ ބަދަލުތަކުގެ ސަބަބުން މެދުރާސްތާގައި އަދި ދުރުރާސްތާގައި ރާއްޖޭގެ އިގްތިސާދަށް ރަނގަޅު އަސަރު ކުރާނެކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"މީގެތެރޭގައި ވިޔަފާރިތައް އެފިޝެންޓް ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ. ހަމައެއާއެކު ވަޒީފާ އަދާކުރާ ފަރާތްތަކުން ރަނގަޅު އުޖޫރައެއް ލިބޭތީވެ، ވަޒީފާގެ ޑިސިޕްލިން ވަރުގަދަ ކުރާނެކަމާމެދު ޝައްކެއް ނުކުރަން." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖް މިއަދު ކަނޑައަޅާފައިވާއިރު، މިނިމަމް ވޭޖްގެ ގޮތުގައި އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ، މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ، ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ އަދި ޕަބްލިކް ސެކްޓާ: ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.