Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަލީ ވަހީދު ހާޒިރު ނުވުމުން އަޑުއެހުން ކެންސަލް ކޮށްފި

އަލީ ވަހީދު - ފޮޓޯ: ރައީސް އޮފީސް

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުނުވުމުން ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 09:00 އަށް ސުޕްރީމް ކޯޓުގައި އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި އޮތްއިރު، އެ މައްސަލަ ކެންސަލް ކޮށްފައިވަނީ އަލީ ވަހީދު ހާޒިރުނުވުމުންނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި އޮތީ، އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ޕީޖީން އިސްތިއުނާފު ކުރި މައްސަލައެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.