Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ބަޖެޓް ބަހުސް ފަށައިފި، ރޭގަނޑުވެސް ބަހުސް ކުރިއަށްގެންދާނެ

މަޖިލީހުގެ މެމްބަރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތް ބެއްލެވުމުގައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފަކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ބަޖެޓް ބަހުސް މި ހަފްތާގައި ކުރިއަށް ގެންދާނެ ކަމަށެވެ. ބުދަ ދުވަހާއި ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދާއިރު ރޭގަނޑުވެސް ބަހުސް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

އާންމު ކޮމިޓީން ފާސްކޮށްފައިވަނީ ބަޖެޓް ބަހުސަށް ކޮންމެ މެމްބަރަކަށް 15 މިނެޓު އަދި ބަޖެޓު ދިރާސާ ކޮމިޓީގެ ރިޕޯޓުގެ ބަހުސަށް ކޮންމެ މެމްބަރަކަށް އިތުރު ހަތް މިނެޓު ދިނުމަށެވެ. އަދި ބަޖެޓް ބަހުސްގެ ތެރެއިން ފިނޭންސް މިނިސްޓަރަށް 45 މިނެޓް ދިނުމަށެވެ.

ބަޖެޓް ކޮމެޓީ ރިޕޯޓަށް 22 ވަނަ ދުވަހު ބަހުސް ފަށައި ޑިސެމްބަރުގެ ކުރިން މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސް ކުރެވޭ ވަރަށް މަސައްކަތްކުރައްވާނެ ކަމަށް އީވާ މީގެކުރިން ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.

އަންނަ އަހަރަށް އެކުލަވާލައިފާއިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 9,748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6,833 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.