ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ފުރާވަަޑައިގެންފިއެވެ.
ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ދެ ދުވަހަށް ކުރައްވާ މި ރަސްމީ މި ދަތުރުފުޅަކީ އެޤައުމުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖެއާ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފަށާ މި މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާ ސްރީލަންކާގެ ޓީމެވެ.
ރައީސް ސޯލިހް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.