ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގެ ބޮޑުބައި އިނގިރޭސި ބަހުން ކުރިއަށް ގެންދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ވާހަކަ ދެއްކުމަށް ލިބުނު ވަގުތުގައި ޖާބިރު ދިވެހި ބަހުން ވާހަކަ ދެއްކެވުމަށް ފެއްޓެވުމަށްފަހު ވަކި ހިސާބަކުން ވަނީ އިނގިރޭސި ބަހުން ވާހަކަ ދައްކަވަން ފައްޓަވާފައެވެ. އަދި ބަޖެޓް ބަހުސްގެ ބޮޑު ބައި ޖާބިރު ކުރިއަށް ގެންދަވާފައިވަނީ އިނގިރޭސި ބަހުންނެވެ،
ބަޖެޓަށް ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ބަޖެޓާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިނިވަން ކުރުމަށާއި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށްވެސް ގޮވާލާފައިވެއެވެ.
ޖާބިރު ބަޖެޓް ބަހުސް އިނގިރޭސި ބަހުން ކުރިއަށް ގެންދެވުމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އަދި ވަނީ ދިވެހި ބަހަށް އިސްކަންދޭން ގާނޫނެއް ފާސް ކޮށްފައި އޮންނައިރު ރަސްމީގޮތުން ދިވެހި ބަހުން މުއާމަލާތް ކުރަން ލާޒިމް ކޮށްފައި އޮންނަކަން ފާހަގަކޮށް އެހެން ބަސްބަހުން ވާހަކަ ދައްކާ ކަމަށްވާނަމަ އޭގެ ތަރުޖަމާ ލިބޭނެ ގޮތެއް ހައްދަވައި ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ވައްޑެގެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދު އެކުލަވާލެއްވީ މަޖިލީހުގެ މެމްބަރުން ކަމަށާއި، މަޖިލިސް ގަވައިދު އެކުލަވާލެއްވި އިރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަން ޖެހޭ ވަކި ބަހެއް ލިޔެފައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ވެސް ބޭނުން އެންމެނަށްވެސް ވިސްނޭ ބަހުރުވަޔަކުން ވާހަކަ ދެއްކެވުން. އެހެންނަމަވެސް އަޅުގަނޑުގެ ބާރު ހިނގާނީ މަޖިލިސް ގަވައިދު ތަންދޭ މިންވަރުން." އީވާ ވިދާޅުވިއެވެ.
ބަޖެޓް ބަހުސް ޖާބިރު އިނގިރޭސި ބަހުން ކުރިއަށްގެންދެވިއިރު، މީގެކުރިން ޖާބިރު ވަނީ މަޖިލީހުގައި އިޓަލީ ބަހުންވެސް ވާހަކަ ދައްކަވާފައެވެ.